
އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވުމާއިއެކު, ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ ބަލަން ޖެހޭނީ ﷲ އާއި އެއިލާހުގެ ރަސޫލާ އެންގެވި ގޮތަކީ ކޮބައިތޯކަމެވެ. މިހެން ނުވުމުގެ ސަބަބުން މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ފެތުރިފައިވާ ކަންތައްތަކަކީ ކާފަރުންގެ މުޖުތަމަޢުތަކުގައި ޢާއްމުކޮށް ފެތުރިފައިވާ ހުރާފާތްތަކާއި ފަސާދަތަކެވެ. މިގޮތުން މިފަހަކަށް އައިސް އެންމެ ބޮޑު ސުރުޚީއަށް އެރިކަމަށް އަޅުގަނޑަށް ފާހަގަކޮށްލެވުނީ "ޖާރިޔާއެއް" ގެ ވާހަކައެވެ. އަދި މި ޖާރިޔާ ނިސްބަތްކުރެވިފައިވަނީ އިސްލާމްދީނުގެ އަޞްލު އުޞޫލުތަކުން އުޅެން މަސައްކަތްކުރަމުންދާ މި ފަސްގަނޑުގެ މަދު އަޚުންކޮޅަކާއި އުޚްތުންކޮޅަކަށެވެ. އަދި މިކަން މިގޮތަށް ނިސްބަތްކުރެވުނު އިރު, އަޑު ގަދަވެގެންގޮސްފައިވާ ވަރުން, އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ މިއީ ހަމަ އިސްލާމްދީނުގައި ޖާރިޔާއިން ގެންގުޅުން އޮންނަގޮތްކަމުގައެވެ. އެއީ މިފަދަ ބޮޑުކަމެއް ނުވަތަ ބޮޑު އިލްޒާމެއް އެޅުވުނު ހިނދުގައިވެސް, ދީނަށް އުޅެން މަސައްކަތްކުރާ އަޚުންނާއި އުޚްތުންގެ ޙައްޤުގައި މިކަމަކީ އިސްލާމްދީނުގައި މިހެން އޮންނަ ކަމެއް ނޫންކަން އެންމެ ކުޑަމިނުން ކިޔައިދޭން ތެދުވެލާނެ ޢިލްމުވެރިއަކު މިބިންމަތިން ފެނިފައި ނުވާތީއެވެ.
ކޮންމެއަކަސް, އަޅުވަމުންދާ ދޮގު ބަދުނާމުގެ ބޮޑުކަމުންނާއި ދީނުގައި އަޅުން ނުވަތަ އަޅުއަންހެނުން (ޖާރިޔާއިން) އާއި ބެހޭގޮތުން, މަޝްހޫރު ވެބްސައިޓެއްކަމަށްވާ އިސްލާމްކިއުއޭ.ކޮމް ގައި ފަތުވާ ޝާއިޢުކުރަމުންދާ ޝައިޚް ޞާލިޚް އަލް-މުނައްޖިދު (حفظه الله), މީހަކު ފޮނުވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވެފައިވާ ބަސްކޮޅުގެ ތަރުޖަމާއެއް މިތަނުގައި ނަކަލުކޮށްލާނަމެވެ.
ފުރަތަމައަށް:
ހަނގުރާމާގައި ކާފަރުން ބަލިކޮށްލުމަށް, ﷲ މުޖާހިދުންނަށް މިންވަރުކޮށް ދެއްވަވާއިފިނަމަ, ފަހެ (ރަހީނުކުރެވޭ) މީހުން މަރާލެވިދާނެ, ފައިސާއަށް ބަދަލުކުރެވިދާނެ, ފައިސާއެއް ނުދީ ދޫކޮށްލެވިދާނެ ނުވަތަ އަޅުވެތިކުރެވިދާނެއެވެ. މި ހަތަރު ގޮތުން ކަމެއް އިޚްތިޔާރުކުރުން ވަނީ ވެރިމީހާ (އިސްލާމީ ޚަލީފާ ނުވަތަ އަމީރު) ގެ މައްޗަށެވެ. އެއީ އޭނާއަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ވިސްނޭ ގޮތަކަށެވެ.
އަންހެނުންގެ ކަންތަކުގައި, އެމީހުން ވާނީ އަޅުއަންހެނުންނަށެވެ. (އެބަހީ ޖާރިޔާއިންނަށެވެ.) އަދި "ކަނާތުގެ ބާރު ފޯރުވޭ މީހުން" ނަށެވެ. ފިރިހެން ދަރިންވެސް ވާނީ އަޅުންނަށެވެ. މުޖާހިދުންގެ މެދުގައި މި އަޅުންތައް ބަހާނީ ވެރިމީހާއެވެ.
ޝައިޚް ޝަންޤީތީ (رحمه الله) ވިދާޅުވިއެވެ: މީހަކު އަޅެއްގެ ގޮތުގައި ނެގުމުގެ ސަބަބަކީ ކާފަރެއް ކަމުގައިވެ އަދި ﷲ އާއި އެއިލާހުގެ ރަސޫލާ (صلى الله عليه وسلم) އާއި ދެކޮޅަށް އޭނާ ހަނގުރާމަކުރާތީއެވެ. ކާފަރުންގެ ކަލިމާއިގެ މައްޗަށް ﷲގެ ކަލިމަ މަތިވެރިކުރުމަށްޓަކައި, އެބައެއްގެ ނަފްސުތަކުންނާއި މުދާތަކުންނާއި އަދި ﷲ އެބަޔަކަށް ދެއްވި އެންމެހާ ތަކެއްޗެއް ޤުރުބާންކުރަމުން ޖިހާދުކުރަމުންދާ މުސްލިމުންނަށް ﷲ ކާމިޔާބު މިންވަރުކޮށްދެއްވަވާއިފި ނަމަ, ފަހެ ކާފަރުން ހައްޔަރުކުރެވޭ ހިނދު އަޅުންގެގޮތުގައި ނެގުމަށް އެއިލާހު ހުއްދަދެއްވަވައެވެ. އެއީ އެމީހުން ދޫކޮށްލުމުގައި ނުވަތަ ފައިސާގެ ބަދަލެއްގެ ގޮތުގައި ދިނުމުގެ ސަބަބުން މުސްލިމުންނަށް ހެވެއްވާކަމަށް ވެރިމީހާ އިޚްތިޔާރު ނުކުރާނަމައެވެ. (އަދްވަޢުލް ބަޔާން, 387/3)
ނަބިއްޔާ (صلى الله عليه وسلم) ވަޑައިގަތުމުގެ ކުރިން އަޅުން ހޯދުމަށް ހުރިގޮތްތަކަށް, އިސްލާމްދީންވަނީ ޙުދޫދުތަކެއް ކަނޑައަޅާ އެންމެ ގޮތެއްކަމުގައި ނިންމާފައެވެ. އެއީ ކާފަރުންގެ ތެރެއިން ރަހީނުކުރެވުމުގެ ސަބަބަން އަންނަ އަޅުވެތިކުރުމެކެވެ.
އެހެން ޘަޤާފަތްތަކުގައި އަޅުންނާއިމެދު ކަންތައް ކުރެއްވި ގޮތައްވުރެ, އިސްލާމްދީނުގައި އަޅުންނާއި މެދު ކަންތައް ކުރަނީ އޯގާތެރިކޮށެވެ. ހަނގުރާމާއިގައި ހައްޔަރުކުރެވޭ ގިނަ އަންހެން ރަހީނުންނާއި މެދު ކަންތައްކުރެވޭ ފަދައިން, ޒިނޭގެ ގޮތުގައި އެމީހުންގެ ޢިއްޒަތް ނަގާލުމަކީ ހުއްދަކަމެއް ނޫނެވެ. އޭގެ ބަދަލުގައި އިސްލާމް ދީނުގައި, އެމީހުންނަކީ ހަމައެކަނި އޭނާގެ ވެރިމީހާ (ޞާޙިބުމީހާ) ގެ ޙައްޤެއްކަމުގައި ކަނޑައެޅުނެވެ. އަދި އެނޫން މީހަކު އޭނާއާއިއެކު އެދުންފުއްދުން ޙަރާމް ކުރެވުނެވެ. އެއީ އެ ޞާޙިބުމީހާގެ އަމިއްލަ ދަރިއަށް ވީނަމަވެސް މެއެވެ.
އިސްލާމް ދީނުގައި, އެއްބަސްވުމެއްގެ ދަށުން މިނިވަންވުމަކީ އަޅުންނަށް ލިބިގެންވާ ޙައްޤެކެވެ. އަދި އެމީހުން ދޫކޮށްލުމަށް ބާރު އަޅާފައިވެއެވެ. އަދި އެކަމުގައި އަޖުރުވެސް ލިބުމަށް ވަޢުދުވެވިގެންވެއެވެ. އިސްލާމް ދީނުގައި, ބައެއް ކައްފާރާތައް ދިނުމުގައި އަޅުން މިނިވަންކުރުމަކީ ވާޖިބެއް ކަމުގައި ކަނޑައެޅިފައިވެއެވެ. އެފަދަ ކަންތައްތަކުގެ ތެރޭގައި, ގަޞްދަކާއިނުލާ މީހަކު މެރުމާއި, ޡިހާރު ކުރުމާއި (މިއީ ޖާހިލިއްޔަތުގައި އަނބިމީހާ ވަރިކޮށް އުޅުނުގޮތެކެވެ. އެއީ ފިރިމީހާ އަނބިމީހާއާއި ދިމާލަށް “ކަލޭތީ އަހަންނަށް އަހަރެންގެ މަންމަގެ ފުރަގަސް ފަދައިން (ޙަރާމްވެގެން)ވާ މީހެއް” މިފަދަ ޢިބާރާތަކުން ބުނުމުގެ ސަބަބުން ވަރިވުމެވެ.), އަދި ވަޢުދާއި ޚިލާފުވުން ފަދަ ކަންކަމުގައެވެ. އެމީހުންނަށް އެމީހުންގެ ޞާޙިބުންގެ ކިބައިން އެންމެ ފުރިހަމަ ގޮތުގައި އަޅާލުން ލިބިގެންދެއެވެ. އެއީ ޠާހިރު ޝަރީޢަތުގައި އެކަން ވާގޮތެވެ.
ދެވަނައަށް:
އެ މުޖާހިދެއްގެ "ކަނާއަތުގެ ބާރު ފޯރުވޭ އަޅުން" އޭނާގެ މިލްކަކަށް ހެދުމަށް ކައިވެނި ކުރާކަށް ނުޖެހޭނެއެވެ. އެއްވެސް ޢިލްމުވެރިއެއް މިފަދަ ރައުޔުއެއް ހާމަކޮށްފައެއް ނުވެއެވެ.
ތިންވަނައަށް:
މުޖާހިދަކު އަޅުއަންހެނެއް (ޖާރިޔާއެއް) ނުވަތަ އަޅުފިރިހެނެއް މިލްކުކޮށްފިނަމަ, އޭނާއަށް އެމީހުން ވިއްކާލުން ހުއްދަވެގެންވެއެވެ. އެއީ އޭނާ އެއަޅު ހޯދީ ހަނގުރާމައިގެ މަގުން ނުވަތަ ގަތް އަޅެއް ކަމުގައިވީ ނަމަވެސް މެއެވެ. އަޅުއަންހެން (ޖާރިޔާއެއް) އިނީ ބަލިވެނޫންކަން ޔަޤީންވުމުގެ ގޮތުން ޙައިޟުވުމަށް ފަހުގައި މެނުވީ އޭނާއާއިއެކު އެދުން ފުއްދުން އެއްވެސް ފިރިހެނެއްގެ މައްޗަށް ހުއްދަވެގެނެއް ނުވެއެވެ. އޭނާ ބަލިވެއިންނަމަ, ވިހައިގަދަވަންދެން އިންތިޒާރު ކުރަންވާނެއެވެ.
ރުވައިފީ އިބްނު ޘާބިތުގެ ކިބައިން ރިވާވެގެންވާ ގޮތުގައި: ހުނައިންގެ ދުވަހު ﷲގެ ރަސޫލާ (صلى الله عليه وسلم) ޙަދީޘް ކުރެއްވި އަޑު ތިމަން އެހީމެވެ. "ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވާ އެއްވެސް މީހަކު, އެހެން މީހެއްގެ ގޮވާމަށް ފެންދިނުން ހުއްދަވެގެނެއް ނުވެއެވެ. – އެއީ ބަނޑުބޮޑު އަންހެނަކާއިއެކު އެދުންފުއްދުމުގައެވެ. އަދި ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވާމީހާ, ރަހީނުކުރެވިފައިވާ އަންހެނަކާއިއެކު (އެބަހީ ޖާރިޔާއެއްގެ ގޮތުގައި ދެވިފައިވާ އަންހެނަކާއިއެކު) އޭނާ އިނީ ބަލިވެނޫންކަން ޘާބިތުކޮށްދިނުމަށް ފަހުގައި މެނުވީ އެދުންފުއްދުން ހުއްދަވެގެނެއް ނުވެއެވެ. އަދި ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވާމީހާ, ޣަނީމާ ބެހުމުގެ ކުރިން ވިއްކުން ހުއްދަވެގެނެއް ނުވެއެވެ." (ރިވާކުރެއްވީ އަބޫ ދާވޫދު 2158, ޝައިޚް އަލްބާނީ "ޞަޙީޙް އަބޫދާޥޫދު" 1890 ގައި ޙަސަން ދަރަޖަ ދެއްވެވި)
އެތައް ސަބަބުތަކަކާއި ހުރެ, އޭގެތެރޭގައި މުސްލިމުން ޖިހާދުކުރުން ހުއްޓާލިފަހުން އެތައް ދުވަސްތަކެއް ވެފައިވުމާއިއެކު, އަޅުން މިލްކުވުން މިހާރު ވަރަށް މަދު ވެއްޖެއެވެ. އެހެންކަމުން, ފިރިހެނެއް ނުވަތަ އަންހެނެއް (ޖާރިޔާއެއް) ކަމުގައި މީހަކު ދަޢުވާކުރާނަމަ, އެފަދަކަމެއް ވަރަށް ރަނގަޅަށް އޮޅުންފިލުވަން މުސްލިމުން ސަމާލުވާން ވާނެއެވެ.
ޝައިޚް ޞާލިޙު އަލް-މުނައްޖިދުގެ ފަތުވާ ނިމުނީ.
އެހެންކަމުން, ޝައިޚު ވިދާޅުވިގޮތުގައި, މިއަދު ގިނަ މުސްލިމުން ޖިހާދުން އެއްކިބާވެ ދުރުހެލިވެފައި ވުމުގެ ސަބަބުން, އަޅުގަނޑުމެން ސަމާލުވާންޖެހޭވަރު މިވަނީ އިތުރުވެފައެވެ. ޚާއްޞަކޮށް ކަންކަމުގައި ވާހަކަ ދައްކާ, ގޮތްތައް ނިންމުމުގެ ކުރިން އެކަން އިސްލާމްދީނުގައި އޮންނަގޮތް ދެނެގަތުން ލާޒިމްވެގެންވެއެވެ. އިސްލާމްދީނުގައި ޖާރިޔާއިންވަނީ ބަޔާންކުރެވުނު ފަދައިން ކަމަށްވާއިރު, ދީނަށް އުޅެން މަސައްކަތްކުރަމުންދާ މަދު މީސްކޮޅަކާއި ދިމާލަށް ޖާރިޔާއިންނޭ ކިޔައިގެން ބަދުނާމެއް އެޅުވޭކަށް ނެތެވެ. ދީނުގައި ކަންއޮތީ އެހެނަކުން ނޫނެވެ. އަދި އެމީހުން ކަންތައް ކުރާނީވެސް އެހެނެއްނޫނެވެ. ކޮންމެ ބައެއްގެ ތެރޭގައިވެސް ކުށްކުރާމީހުން އުޅޭނެއެވެ. އެކަމަކު އޭގެ މާނައަކީ އެ އެންމެންނަކީ ކުށްވެރީންނެކޭ ނޫނެވެ. އަދި މިއަދު ހިލިގެން އުޅޭ މި މައްސަލާގައި, ދެއްކިފައިވާ އެއްވެސް ޤަރީނާއެއް ނުވާއިރު, އިނގިލި ދިއްކުރާނެ ވަކި ވައްތަރެއްގެ މީހެއްވެސް ނެތެވެ.
ނަމަވެސް, މީޑިއާގެ ނުފޫޒާއި ހުޅަނގުގެ ގޮތްތަކަށް ތާޢީދުކުރާ ގިނަ ބައެއްގެ ސަބަބުން މިފަދަ ކަންތައްތަކުގެ ޙާޤީޤަތްތައް އޮޅުވާލާ, ދީނުގައި ނުހުންނަ ކަންކަންވެސް ދީނުގެ ކަންކަންކަމުގައި ކަނޑައަޅާ, ދީނަށް އުޅެން މަސައްކަތްކުރާ މީސްކޮޅުގެ ބޮލުގައި އަޅުވަމުން ދިއުމަކީ ވަރަށް ހިތާމަހުރިކަމެކެވެ. އަދި މިކަމުގެ ބޭނުމަކީ ނަބިއްޔާ (صلى الله عليه وسلم) ގެނެސް ދެއްވެވި މަންހަޖުން މީހުން އެއްކިބާކޮށް, ހުޅަނގުގެ ސިޔާސަތަށް މީސްތަކުން ލެންބުވުންކަމާއިމެދަކު އެއްވެސް ޝައްކެއް ނެތެވެ. މިކަންކަން ހުއްޓުވަން އުނދަގޫވީނަމަވެސް, އަޑު އައްސަވާ ބޭފުޅުން މިފަދަ ކަންތައްތަކަށް ސަމާލުވެ, ޚާއްޞަކޮށް ދީނަށް ކުރެވޭ ފުރައްސާރަތަކުގައި ބައިވެރިނުވުމަށް އަޅުގަނޑު ނަޞޭޙަތްތެރިވަމެވެ. އެއީ އޭގެ ހިތިކަން މި ދުނިޔެމަތިން ލިބިގަންނަން ނުޖެހުނަސް, އާޚިރަތުގައި އޭގެ ރަހަ ލިބިގަންނަން ޖެހޭނެ ކަމެކެވެ.
